بِسمِ اللهِ الرَّحمَنِ الرَّحِيمِ


تعريف عمدة الأحكام - ޢުމްދަތުލް އަޙްކާމްގެ ތައާރަފު


އިސްލާމިކް މިނިސްޓްރީއިން ”ޢުމްދަތުލް އަޙްކާމް“ ފޮތުގެ ތަރުޖަމާ ފާސްކުރިކަމުގެ ކާޑުގައިވާ ރެފް ނަމްބަރު :

(FRM) 142-C1/INDIV/2021/30 (FRM) 142-C1/INDIV/2022/80


ސްޓޭޓް މިނިސްޓަރގެ ބަސްފުޅެއް

بِسمِ اللهِ الرَّحمَنِ الرَّحِيمِ

الحمد لله الذي أنعم علينا بالإسلام والصلاة والسلام على محمد خير الأنام وعلى آله وأصحابه الكرام.

މާތް ނަބިއްޔާ ﷺ ގެ ސުންނަތަށް ޚިދުމަތްކޮށް އެ ސުންނަތް ދިރުވައި، ފެތުރުމަށްޓަކައި މި އުއްމަތުގެ ޢިލްމުވެރިން ވަރަށް ގިނަ ޙަދީޘް ފޮތްތައް ލިޔުއްވާފައި ވެއެވެ. މިގޮތުން ފާހަގަކޮށްލެވޭ އެންމެ މުހިއްމު އެއް ފޮތަކީ الحافظ تقي الدين عبد الغني المقدسي ލިޔުއްވާފައިވާ (عمدة الأحكام) އޭ ކިޔުނު ފޮތެވެ. މި ފޮތަކީ ޙަދީޘްތަކުގެ ތެރެއިން ޝަރުޢީ، ޢަމަލީ ޙުކުމްތައް އެކުލެވިގެންވާ ޙަދީޘްތައް ޖަމާކުރައްވައި އެކަލޭގެފާނު ލިޔުއްވާފައިވާ ފޮތެކެވެ. މި ފޮތަކީ ޝަރުޢީ ޢިލްމު އުނގެނޭ ދަރިވަރުންގެ މެދުގައި ނުހަނު މަޤްބޫލު ފޮތެކެވެ. މި ފޮތް ހިތުދަސްކުރެއްވުމާއި، ޝަރަޙަކުރެއްވުގައި އުއްމަތުގެ ޢިލްމުވެރިން ޚާއްޞަ ޢިނާޔަތެއް ދެއްވާފައި ފޮތެކެވެ. މިފަދަ ފޮތެއް ދިވެހި ބަހަށް ތަރުޖަމާވެގެން ދިޔުމަކީ ކީރިތި ރަސޫލާ ﷺ ގެ ސުންނަތަށް ކުރެވޭ އަގުހުރި ޚިދުމަތެކެވެ. އަދި ހަމައެފަދައިން ދިވެހި ޢިލްމީ ގުލްޒާރަށް ފޮޅޭ ވަސް މީރު އައު މަލެއް ވެސް މެއެވެ.

މި ތަރުޖަމާއިން ފައިދާ ލިބިގަންނަ ބަޔަކަށް ފަސޭހައިން ފަހުމްވާނޭ ގޮތަށް ވަރަށް ސާދާކޮށް ތިލަކޮށް ތަރުޖަމާގެ ޢިބާރާތްތައް އަމުނާލެވިފައި ވުމަކީ މި މަސައްކަތަށް ލިބޭ އިތުރު ފުރިހަމަ ކަމެކެވެ. ދުޢާއަކީ މި ފޮތުގެ ސަބަބުން ދިވެހި އިސްލާމީ އާފާޤު އުޖާލާވެ އަލިވެގެން ދިއުމެވެ. އަދި މުތަރުޖިމުގެ މި މަސައްކަތުގައި ﷲ ތަޢާލާ ބަރަކާތް ލައްވައި، ދިވެހި ދަރިންނަށް މި ފޮތުން ގިނަގުނަ ފައިދާއާއި، މަންފާކުރުމެވެ.

03 ރަބީޢުލް އައްވަލް 1442

10 އޮކްޓޫބަރު 2020

كتبه / أخوكم

އިލްޔާސް ޖަމާލް

މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިސްލާމިކް އެފެއާރޒް


މުތަރުޖިމުގެ ބަސް

بِسمِ اللهِ الرَّحمَنِ الرَّحِيمِ

الحَمدُ لِلَّهِ رَبِّ العَالَمِينَ. وَالصَّلَاةُ وَالسَّلَامُ عَلَى رَسُولِ اللَّهِ، وَعَلَى آلِهِ وَصَحبِهِ أَجمَعِينَ. اللَّهُمَّ لَا سَهلَ إِلاَّ مَا جَعَلتَهُ سَهلًا، وَأَنتَ تَجعَلُ الحَزنَ إِذَا شِئتَ سَهلاً. سُبحَانَكَ لَا عِلمَ لَنَا إِلَّا مَا عَلَّمتَنَا، إِنَّكَ أَنتَ العَلِيمُ الحَكِيم.

ރަޙްމާންވަންތަ ރަޙީމްވަންތަ މާތް ﷲގެ އިސްމުފުޅުން ފަށައިގަންނަމެވެ. އެންމެހައި ހަމްދު ތައުރީފާއި ސަނާއެއް ހައްގުވަނީ އާލަމްތަކުގެ ވެރި ރައްބު، ﷲ އަށެވެ. އަދި ﷲގެ ރަސޫލާއާއި، އެ ރަސޫލާގެ އާލުންނާއި އަސްހާބުންނަށް ސަލަވާތާއި ސަލާމް ލައްވާށިއެވެ. ޔާ ﷲ! އިބަ އިލާހު ފަސޭހަ ކޮށްދެއްވައިފި ކަމެއް މެނުވީ ފަސޭހަވެގެނެއް ނުވެއެވެ. އަދި އިބަ އިލާހު އިރާދަ ކުރައްވައިފި ނަމަ، އިބަ އިލާހު ދަތިކަން ފަސޭހަކަމަށް ހައްދަވަމުއެވެ. އިބަ އިލާހު (އެންމެހައި އުނި ސިފަތަކުން) ހުސްތާހިރުވެގެން ވެއެވެ. އިބަ އިލާހު އަޅަމެންނަށް އުނގަންނަވައި ދެއްވި އިލްމެއް މެނުވީ، އަޅަމެންނަށް އެއްވެސް އެއްޗެއް އެނގިގެނެއް ނުވެއެވެ. ހަމަކަށަވަރުން އިބަ އިލާހީ، މޮޅަށް ދެނެވޮޑިގެންވާ ޙަކީމްވަންތަ އިލާހެވެ.

ޙަދީޘަކީ ކޮބާ؟

އެއީ ﷲ ފޮނުއްވި އެންމެ ފަހުގެ ނަބިއްޔާ، މުޙައްމަދު ﷺ ގެ އަރިހުން ރިވާވެފައިވާ ބަސްފުޅުތަކާއި، އަމަލުފުޅުތަކާއި، އެ ނަބިއްޔާ އިގުރާރުވެ ވަޑައިގެންނެވި ކަންތައްތަކާއި، އެ ނަބިއްޔާގެ ޒާތީ އަދި އަޚްލާގީ ސިފަފުޅުތަކެވެ. ޙަދީޘަށް ސުންނަތޭ ވެސް ކިޔައެވެ. އެއީ ކީރިތި ޤުރްއާނަށް ފަހު، އިސްލާމް ދީނުގެ އެންމެހައި ޝަރުއީ ހުކުމްތަކާއި އަދަބު އަޚްލާގުގެ މިންގަނޑުތައް ނެގޭ ދެވަނަ މަސްދަރެވެ. ޙަދީޘަކީ ހުއްޖަތެއްކަން ކީރިތި ޤުރްއާނާއި ސުންނަތާއި އިޖްމާއުން ސާބިތުވެގެން ވެއެވެ. ކުރަންވީ އަދި ނުކުރަންވީ އެންމެހައި ކަންތައްތައް އެނގެން އޮތީ ހަމައެކަނި ﷲގެ ރަސޫލާ ﷺ މެދުވެރިކޮށެވެ. ރަސޫލާއަށް ތަބާވުމަކީ ދިންނެވުމާއި، އެންމެހައި ހެވަކާއި ލާބައާއި މަންފާ ލިބޭނެ ހަމައެކަނި މަގެވެ. އަދި އެ ނޫން އެއްވެސް އެހެން މަގެއް ޚިޔާރު ކުރުމަކީ ދުނިޔެއާއި އާޚިރަތުގައި ހަލާކާއި އަބާއްޖަވެރިކަމަށް ވެއްޓިގެން ދިޔުމެވެ.

ﷲ ވަނީ، އެ އިލާހުގެ ރަސޫލާ ﷺ އަށް ތަބާވުމަށް އަޅުގަނޑުމެންނަށް އަމުރު ކުރައްވާފައެވެ. އަދި ހަޔާތުގެ ހުރިހާ ކަމެއްގައި ވެސް، އަޅުގަނޑުމެން އަމަލު ކުރަންޖެހޭނީ އެ ރަސޫލާ އެންގެވި ގޮތަކަށެވެ. ރަސޫލާ ﷺ އެއްވެސް ކަމެއް ދީނުގައި އަމިއްލަފުޅަށް އުފައްދަވާފައެއް ނުވެއެވެ. އެ ރަސޫލާ ހަރާމް ކުރެއްވި ކޮންމެ ކަމަކީ ހަމަ ﷲ ހަރާމް ކުރެއްވި ކަމެކެވެ. އަދި ރަސޫލާއަށް ކިޔަމަންވުމަކީ ހަމަ ﷲ އަށް ކިޔަމަންވުމެވެ.

ﷲގެ ރަސޫލާއަށް ތަބާވުމަކީ އީމާންކަމުގެ ތެރެއިން ހިމެނޭ، އެ އިލާހު ކަނޑައެޅުއްވި ވާޖިބެކެވެ. އެއްވެސް ކަމެއްގައި ދެބަސްވުމެއް އުފެދިއްޖެ ނަމަ، ރުޖޫއަވާން ޖެހޭނީ ކީރިތި ޤުރްއާނަށާއި ރަސޫލާގެ ސުންނަތަށެވެ. ނަމާދު ކުރަންވީ ގޮތާއި، ރޯދަ ހިފަންވީ ގޮތާއި، ޒަކާތް ނެރެންވީ ގޮތާއި، ހައްޖުގެ އަޅުކަން އަދާ ކުރަންވީ ގޮތާއި، ވިޔަފާރީގެ މުއާމަލާތްތައް ކުރަންވީ ގޮތާއި، ހައްދު ކަނޑައެޅިގެންވާ ހުކުމްތަކާއި، ދީނުގައި ހިމެނޭ މިފަދަ އެތައް ކަމެއް ޙަދީޘާ ނުލާ އެނގޭނެ އެއްވެސް ގޮތެއް ނެތެވެ. އިސްލާމަކު ސުންނަތަށް އިންކާރެއް ނުކުރާނެއެވެ. އަދި ރަސޫލާގެ އަމުރަށް ކިޔަމަން ނުވެއްޖެނަމަ، ލިބޭނެ ނަތީޖާއަކަށް ﷲ އާއި އެ އިލާހުގެ ރަސޫލާ ވަނީ އިންޒާރު ދެއްވާފައެވެ.

އިމާމު ޢަބްދުލް ޣަނީ އަލްމަގްދިސީއަކީ ކޮން ބޭކަލެއް؟

އިމާމު ޢަބްދުލް ޣަނީ އަލްމަގްދިސީއަކީ ޙަންބަލީ މަޒުހަބުގެ މަތިވެރި އިލްމުވެރިއެކެވެ. އަދި ޙަދީޘް އިލްމުގައި ފާހަގަ ކުރެވޭ އިމާމެކެވެ. އެކަލޭގެފާނު އުފަންވެވަޑައިގަތީ ހިޖުރައިން 541 ވަނަ އަހަރު، ފަލަސްތީނުގެ ރަށެއް ކަމަށްވާ ޖައްމާޢީލުގައެވެ. އަދި އަވަހާރަވީ ހިޖުރައިން 600 ވަނަ އަހަރު، މިސްރުގެ ގާހިރާގައެވެ. އޭރު އުމުރުފުޅުން ވާނީ 59 އަހަރެވެ. އެކަލޭގެފާނުގެ ވަނަވަރުގައި، ތާރީޚުގެ މަޝްހޫރު އިލްމުވެރިއެއް ކަމަށްވާ ޝަމްސުއްދީން އައްޛަހަބީ (748-673 ހ.) ވިދާޅުވެފައި ވެއެވެ. [سِيَرُ أَعلَام النُّبَلَاء لِلذَّهَبِي (‌‌235) ص 443/21]

«عَبْدُ الغَنِيِّ بنُ عَبْدِ الوَاحِدِ بنِ عَلِيٍّ المَقْدِسِيُّ. الإِمَامُ، العَالِمُ، الحَافِظُ الكَبِيْرُ، الصَّادِقُ، القُدْوَةُ، العَابِدُ، الأَثَرِيُّ (3)، المُتَّبَعُ، عَالِمُ الحُفَّاظِ، تَقِيُّ الدِّيْنِ، أَبُو مُحَمَّدٍ عَبْدُ الغَنِيِّ بنُ عَبْدِ الوَاحِدِ بنِ عَلِيِّ بنِ سُرُوْرِ بنِ رَافِعِ بنِ حَسَنِ بنِ جَعْفَرٍ المَقْدِسِيُّ، الجَمَّاعِيْليُّ، ثُمَّ الدِّمَشْقِيُّ المَنْشَأ، الصَّالِحيُّ، الحَنْبَلِيُّ، صَاحِبُ (الأَحكَامِ الكُبْرَى)، وَ (الصُّغْرَى).

އެކަލޭގެފާނަށް ވަނީ ވިސްނުންތޫނުކަމާއި ޢިލްމު އުނގެނުމަށް ލޯބި ކުރެއްވުމުގެ ނިޢުމަތް ދެއްވާފައެވެ .އަދި އެކަލޭގެފާނަކީ އެތަކެއް ފޮތެއް ލިޔުއްވި ކުޅަދާނަ ލިޔުންތެރިއެއް ވެސްމެއެވެ. އެކަލޭގެފާނު ދިމިޝްޤާއި، އިސްކަންދަރިއްޔާއާއި، ބައިތުލް މަޤްދިސާއި، މިސްރާއި، ބަޢްދާދާއި، ޙައްރާނާއި، މައުޞިލާއި، އަޞްބަހާނާއި، ހަމަޛާނަށް ދަތުރުފުޅުކޮށް، (ޢިލްމުވެރިންގެ އަރިހުން) ޢިލްމު ނެންގެވިއެވެ. ހެޔޮކަންކަމަށް އަމުރުކޮށް، ނުބައިކަންތައް ނަހީ ކުރުމުގައި ލާމަސީލު ބޭކަލެކެވެ. އެކަލޭގެފާނު އަވަހާރަވުމަށް ދާންދެން މެދުކެނޑުމެއް ނެތި ޢިލްމު އުނގެނިވަޑައިގަތުމާއި، އަޅުކަން ކުރެއްވުމާއި، ރޯދަ ހިއްޕެވުމާއި، ޞަދަޤާތް ކުރެއްވުމާއި، ﷲ އަށް ތަޤުވާވެރިވުން މަތީ ދެމިހުންނެވި މާތް އިމާމެކެވެ. ޢަބްދުލް ޣަނީ އަލްމަޤްދިސީއަށް ﷲ ރަޙުމަތާއި ރުއްސެވުން ލައްވައި، އެކަލޭގެފާނުގެ ޢިލްމާއި ކުރެއްވި ބުރަ މަސައްކަތްފުޅަށް ހެޔޮ ޖަޒާ ދެއްވާށިއެވެ.

އެއީ ޢަބްދުލް ޣަނީ ބިން ޢަބްދުލް ވާޙިދު ބިން ޢަލީ އަލްމަޤްދިސީއެވެ. އަލްއިމާމު، އަލްޢާލިމު، އަލްހާފިޒުލް ކަބީރު، އައްޞާދިޤު، އަލްޤުދްވަތު (ލާމަސީލު ބޭކަލެއް)، އަލްޢާބިދު، އަލްއަޘަރީ، އަލްމުތައްބަޢު (ތަބާ ވެވޭ ބޭކަލެއް)، އަދި ޢާލިމުންގެ ހުއްފާޒެވެ. އެއީ އަބޫ މުޙައްމަދު ޢަބްދުލް ޣަނީ ބިން ޢަބްދުލް ވާޙިދު ބިން ޢަލީ ބިން ސުރޫރި ބިން ރާފިޢު ބިން ޙަސަން ބިން ޖަޢުފަރު އަލްމަޤްދިސީ، އަލްޖައްމާޢީލީ، އެއަށްފަހު އުޅެބޮޑުވީ ދިމިޝްޤުގައެވެ. އައްޞާލިޙީ، އަލްޙަންބަލީ، ’އަޙްކާމް އަލްކުބްރާ‘ އާއި ’ޞުޣްރާ‘ ގެ މުއައްލިފެވެ.

އިމާމު ޢަބްދުލް ޣަނީ އަލްމަޤްދިސީ ލިޔުއްވީ ކޮން ފޮތްތަކެއް؟

އިމާމު ޢަބްދުލް ޣަނީ އަލްމަޤްދިސީގެ ހަޔާތްޕުޅުގެ 59 އަހަރުގައި، އެކިއެކި ދީނީ މައުޟޫތަކަށް 40 އަށްވުރެ ގިނަ ފޮތް ލިޔުއްވާފައި ވެއެވެ. އޭގެ ތެރެއިން ހިމެނޭ ބައެއް ފޮތްތައް ދަންނަވާލާނަމެވެ.

• عُمدَةُ الأَحكَامِ مِن كَلَام خَير الأَنَام صَلَّى اللَّهُ عَلَيهِ وَسَلَّم

’ޢުމްދަތުލް އަޙްކާމް މިން ކަލާމި ޚައިރިލް އަނާމި ‘މި ފޮތަށް ޢުމްދަތުލް އަޙްކާމް އައްޞުއްޣުރާއޭ ވެސް ކިޔައެވެ. މީގައި ވަނީ ހަމައެކަނި ޞަޙީޙު ބުޚާރީއާއި މުސްލިމުގައިވާ ޙުކުމްތަކާ ގުޅޭ ޞައްޙަ ޙަދީޘްތަކެވެ. ގިނައީ މުއްތަފަޤުން ޢަލައިހި ދަރަޖައިގެ ޙަދީޘްތަކެވެ. މި ފޮތުގައި ގާތްގަނޑަކަށް 400 ވަރަކަށް ޙަދީޘް އެކުލަވާލައިފާ ވެއެވެ. އެއީ މި ފޮތެވެ.

• عُمدَةُ الأَحكَامِ الكُبرَى

’ޢުމްދަތުލް އަޙްކާމް އަލްކުބްރާ ‘ޢުމްދަތުލް އަޙްކާމް އައްޞުޣްރާއާ މި ފޮތާ ހުރި ތަފާތަކީ، ކުބްރާގައި ކުތުބުއް ސިއްތާ (އެންމެ މަޝްހޫރު ހަ ޙަދީޘް ފޮތްތަކާއި) އެ ނޫންވެސް ފޮތްތަކުގައިވާ ޙަދީޘްތައް ހިމެނެއެވެ. އަދި މި ފޮތުގައި ގާތްގަނޑަކަށް 860 ވަރަކަށް ޙަދީޘް އެކުލަވާލައިފާ ވެއެވެ.

• الكَمَالُ فِي أَسمَاءِ الرِّجَالِ

’އަލްކަމާލު ފީ އަސްމާއިއް ރިޖާލް ‘މިއީ ޙަދީޘް ރިވާ ކުރެއްވި ބޭކަލުންގެ ހަޔާތްޕުޅުތައް ބަޔާންކޮށްދެއްވާފައިވާ ފޮތެކެވެ. މީގައި ކުތުބުއް ސިއްތާ (އެންމެ މަޝްހޫރު ހަ ޙަދީޘް ފޮތްތަކުގެ) ރާވީންގެ މަޢުލޫމާތު އެކުލަވާލައިފާ ވެއެވެ. އެއީ ގާތްގަނޑަކަށް 7000 ރާވީންނެވެ. މިއީ 10 ވޮލިއުމްގެ ފޮތެކެވެ. މި ފޮތުގެ މައްޗަށް ބިނާކޮށް ތަހްޒީބުލް ކަމާލް އޭ ކިޔުނު ވަރަށް މަޝްހޫރު ފޮތެއް ހާފިޒު ޖަމާލުއްދީން އަލްމިއްޒީ ލިޔުއްވިއެވެ.

• النَّصِيحَةُ فِي الأَدعِيَةِ الصَّحِيحَةِ

’އައްނަޞީޙާ ފިލް އަދްޢިޔަތިއް ޞަޙީޙާ ‘މިއީ ޙަދީޘް ފޮތްތަކުގައި ވާރިދުވެފައިވާ ޞައްޙަ ދުޢާތަކުގެ މައްޗަށް އެކުލަވާލައިފާވައި ފޮތެކެވެ. މީގައި ވަނީ ގާތްގަނޑަކަށް 100 ވަރަކަށް ޙަދީޘެވެ.

ޢުމްދަތުލް އަޙްކާމަކީ ކޮބާ؟

އިމާމު ޢަބްދުލް ޣަނީ އަލްމަޤްދިސީގެ ޢުމްދަތުލް ޢަޙްކާމް މި ފޮތަކީ، ކުރު އަދި ކިޔާލަން ފަސޭހަ ގޮތަކަށް އެކުލެވިފައިވާ، ދީނުގެ ތަފާތު އެކިއެކި ޙުކުމްތައް ހިމެނޭ ރަސޫލާގެ ޝާމިލު ޙަދީޘް ބަސްފުޅުތަކެކެވެ. މި ފޮތް ކިތަންމެ ކުރު ކަމުގައި ވިޔަސް، އެތަކެއް މައުޟޫތަކެއް ވަނީ މި ފޮތުގައި ހިމަނާފައެވެ. އެ ގޮތުން ތާހިރުކަމާއި، ނަމާދު ކުރުމާއި، ކަށުކަމާކެމީގެ ކަންތައްތައް ކުރުމާއި، ޒަކާތް ދިނުމާއި، ރޯދަ ހިފުމާއި، ޙައްޖުވުމާއި، ވިޔަފާރި ކުރުމާއި، ވަރިކުރުމާއި، ލިޢާނު ކުރުމާއި، ކިރުދިނުމާއި، ޤިޞާޞް ހިފުމާއި، ހައްދުތައް ގާއިމު ކުރުމާއި، ހުވާ ކުރުމާއި ނަދުރު ބުނުމާއި، ކެއިންބުއިމާއި، ފޭރާންލުމާއި، ޖިހާދު ކުރުމާއި، އަޅުން މިނިވަން ކުރުމާއި މި ނޫންވެސް އެތައް މުހިންމު ކަންތައްތަކެއް ހިމެނިފައި ވެއެވެ.

ހުރިހާ ޒަމާންތަކެއްގައި ވެސް، ކުދި ބޮޑު އެންމެހައި މުސްލިމުން މި ފޮތް އުނގެނި ދަސްކޮށް، އެހެން މީހުންނަށް އުނގަންނައިދީފައި ވެއެވެ. އަދި އެތަކެއް މަޝްހޫރު ޢިލްމުވެރިންނެއް ވަނީ މި ޙަދީޘްތަކުގެ މައްޗަށް ބިނާކޮށް ގިނަގުނަ ދަރުސްތައް ދެއްވާ، އެތަކެއް ޝަރަޙައެއް ލިޔުއްވާފައެވެ. ޠާލިބުލް ޢިލްމު ނުވަތަ ޢިލްމު އުނގެނޭ ދަރިވަރުގެ ކިބައިން އެދެވިގެން ވަނީ، ޙަދީޘް ހިތުދަސް ކުރާއިރު ނަވަވީގެ 40 ޙަދީޘް ދަސްކުރުމަށް ފަހު، ޢުމްދަތުލް އަޙްކާމް ދަސްކުރުމަށެވެ. އޭގެ ފަހުން އެއަށް ވުރެ ބޮޑެތި ފޮތްތައް ދަސްކުރުމަށެވެ. އިމާމު ޢަބްދުލް ޣަނީ އަލްމަޤްދިސީގެ ފޮތް އެހައި މަޤުބޫލު ފޮތަކަށްވެ، ގިނަ މުސްލިމުންނަށް މި ފޮތް ތައާރަފުވެފައި ވަނީ، އެކަލޭގެފާނުގެ ހުރި އިޚްލާޞްތެރިކަމުގެ ސަބަބުން ކަމަށްވުމަކީ އެކަށީގެންވާ ކަމެކެވެ. އަދި މޮޅަށް ދެނެވޮޑިގެންވަނީ ﷲ އެވެ.

މި ޙަދީޘްތައް ވީހާވެސް ސާފުކޮށް މާނަ ކުރެވޭތޯ މަސައްކަތް ކުރެވިފައި ވާނެއެވެ. މިއިން ޙަދީޘަކާމެދު އިތުރަށް އޮޅުންފިލުވަން ބޭނުންފުޅުވާ ނަމަ، އިލްމުވެރިން ދެއްވާފައިވާ ޝަރަހަތަކާއި ދަރުސްތައް ބައްލަވާށެވެ. މި މަސައްކަތުގައި ހަވާލާ ދެވުނު މަރުޖިއުތަކާއި ބެލެވުނު ޝަރަހަތައް މި ފޮތުގެ ފަހަތުގައި ނަންގަނެވިފައި ވާނެއެވެ. އުންމީދަކީ މި ފޮތް މެދުވެރިކޮށް ރަސޫލު ﷲﷺ ގެ ޙަދީޘްފުޅުތައް އިސްލާމީ ދިވެހި މުޖުތަމައަށް ފޯރު ކޮށްދިނުމެވެ. އަދި ގިޔާމަތް ދުވަހު އަޅަމެންގެ ހެޔޮ އަމަލުތަކުގެ ތެރޭގައި މި މަސައްކަތް ހިމެނިގެން ދިޔުމެވެ.

ޝުކުރުގެ ބަސް

عَنْ أَبِي هُرَيْرَةَ قَالَ: قَالَ رَسُولُ اللَّهِ ﷺ: «مَنْ لَا يَشْكُرُ النَّاسَ لَا يَشْكُرُ اللَّهَ» (التِّرمِذِي 1954، وَصَحَّحَهُ الأَلبَانِي فِي صَحِيحِ سُنَنِ التِّرمِذِي)

އަބޫ ހުރައިރާ ވިދާޅުވިކަމަށް ރިވާވެގެންވެއެވެ: ރަސޫލު ﷲ ﷺ ޙަދީޘް ކުރެއްވިއެވެ: ”މީސްތަކުންނަށް ޝުކުރު ނުކުރާ މީހަކު، ﷲ އަށް ޝުކުރެއް ނުކުރާނެއެވެ.“ މި ފޮތް ނިންމުމުގެ ތައުފީގު ދެއްވިކަމަށްޓަކައި، މާތް ﷲ އަށް ހަމްދާއި ޝުކުރު ކުރަމެވެ. އަދި މީގެ އިތުރަށް މި މަސައްކަތުގައި ބައިވެރިވެ، އުނދަގޫ އަރަބި ލަފުޒުތައް މާނަކޮށް، ކުށްތައް ފިލުވައި، ލިޔުން ބަލައި އިސްލާހުކޮށް، ޗާޕު ތައްޔާރުކޮށް އަދި އެ ނޫންވެސް އެކި ގޮތްގޮތުން އެހީތެރިވި އެންމެހައި ފަރާތްތަކަށް ޝުކުރު ދަންނަވަމެވެ. ﷲގެ އިޒުނަފުޅަށް ފަހު، މި މަސައްކަތް ނެރެވުނީ އެ ފަރާތްތަކުން ދެއްވި ދީލަތި އެހީގެ ސަބަބުންނެވެ. އެ ހުރިހާ ފަރާތަކުން ކޮށްދެއްވި މަސައްކަތަށް ގިނަގުނަ ދަރުމައާއި ސަވާބު ދާއިމީ ގޮތުގައި ދެއްވާށިއެވެ. މި މަސައްކަތުގައި އެއްވެސް ހެޔޮކަމެއް ވާނަމަ، އެއީ ﷲގެ ހަޒުރަތުން ލިބުނު ހެޔޮކަމެކެވެ. އަދި މި ކަމުގައި އެއްވެސް އުނިކަމެއް ވާނަމަ، އެއީ އަޅުގަނޑުމެންނާއި ޝައިތާނާގެ ފަރާތުން އައި އުނިކަމެކެވެ. އަޅަމެންގެ މާތް ނަބިއްޔާ މުޙައްމަދު ﷺ އަށާއި، އެ ނަބިއްޔާގެ އާލުންނާއި އަސްހާބުންނަށް ސަލަވާތާއި ސަލާމް ލައްވާށިއެވެ.

اللَّهُمَّ رَبَّ جِبرَائِيلَ وَمِيكَائِيلَ وَإِسرَافِيلَ، فَاطِرَ السَّمَاوَاتِ وَالأَرضِ، عَالِمَ الغَيبِ وَالشَّهَادَةِ، أَنتَ تَحكُمُ بَينَ عِبَادِكَ فِيمَا كَانُوا فِيهِ يَختَلِفُونَ، اهدِنِي لِمَا اختُلِفَ فِيهِ مِنَ الحَقِّ بِإِذنِكَ، إِنَّكَ تَهدِي مَن تَشَاءُ إِلَى صِرَاطٍ مُستَقِيمٍ.

”ޔާ ﷲ! ޖިބްރީލާއި މީކާއީލާއި އިސްރާފީލުގެ ވެރި ރައްބެވެ. އުޑުތަކާއި ބިން ފުރަތަމަ އުފެއްދެވި އިލާހެވެ. ނުފެންނަ ތަކެއްޗާއި ފެންނަ ތަކެތި ދެނެވޮޑިގެންވާ އިލާހެވެ. އިބަ އިލާހުގެ އަޅުން ޚިލާފުވެ އުޅުނު ކަންކަމުގައި ހުކުމް ކުރައްވާ ނިޔާ ކުރައްވާނީ ހަމަ އިބަ އިލާހެވެ. އެބައިމީހުން ޚިލާފުވެ އުޅުނު ކަންކަމުގައި، މި އަޅާއަށް ހައްގު ގޮތަށް އިބަ އިލާހުގެ އިޒުނަފުޅާއެކު މަގު ދައްކަވާށިއެވެ. ހަމަކަށަވަރުން އިބަ އިލާހު އިރާދަ ކުރައްވާ މީހަކަށް، އިބަ އިލާހު ސީދާވެގެންވާ މަގަށް ހިދާޔަތު ދައްކަވަމުއެވެ.“

20 ސަފަރު 1441 ހ.

8 އޮކްޓޯބަރ 2020 މ.

އަބޫ ޔަޙްޔާ

މަދީނާގެ އިސްލާމިކް ޔުނިވާސިޓީގެ ޙަދީޘް ކުއްލިއްޔާގެ ދަރިވަރެއް


އިމާމު ޢަބްދުލް ޣަނީ އަލްމަޤްދިސީ މުޤައްދިމާ

بِسمِ اللهِ الرَّحمَنِ الرَّحِيمِ

الحَمْدُ لِلَّهِ المَلِكِ الجَبَّارِ، الوَاحِدِ القَهَّارِ، وَأَشْهَدُ أَنْ لَا إِلَهَ إِلَّا اللَّهُ وَحْدَهُ لَا شَرِيكَ لَهُ، رَبُّ السَّمَوَاتِ وَالأَرْضِ وَمَا بَيْنَهُمَا العَزِيزُ الغَفَّارُ، وَصَلَّى اللَّهُ عَلَى النَّبِيِّ المُصْطَفَى المُخْتَارِ، وَعَلَى آلِهِ وَصَحْبِهِ الأَخْيَارِ.

أَمَّا بَعْدُ: فَإِنَّ بَعْضَ إِخْوَانِي سَأَلَنِي اخْتِصَارَ جُمْلَةٍ فِي أَحَادِيثِ الأَحْكَامِ، مِمَّا اتَّفَقَ عَلَيْهِ الإِمَامَانِ: أَبُو عَبْدِ اللَّهِ مُحَمَّدُ بْنُ إِسْمَاعِيلَ بْنِ إِبْرَاهِيمَ البُخَارِيُّ، وَمُسْلِمُ بْنُ الحَجَّاجِ - رَحْمَةُ اللَّهِ عَلَيْهِمْ -، فَأَجَبْتُهُ إِلَى سُؤَالِهِ؛ رَجَاءَ المَنْفَعَةِ بِهِ.

وَأَسْأَلُ اللَّهَ أَنْ يَنْفَعَنَا بِهِ، وَمَنْ كَتَبَهُ، أَوْ سَمِعَهُ، أَوْ حَفِظَهُ، أَوْ نَظَرَ فِيهِ، وَأَنْ يَجْعَلَهُ خَالِصاً لِوَجْهِهِ الكَرِيمِ، مُوجِباً لِلْفَوْزِ لَدَيْهِ؛ فَإِنَّهُ حَسْبُنَا وَنِعْمَ الوَكِيلُ.

އެންމެހައި ޙަމްދު ތަޢުރީފާއި ސަނާއެއް ވަނީ ޢާލަމްތަކުގެ ވެރި ރައްބު، ﷲ އަށެވެ. އެ އިލާހީ ހުރިހާ އެއްޗެއް މިލްކުވެވޮޑިގެންވާ ޖައްބާރުވަންތަ އިލާހެވެ. އެއްކައުވަންތަ ޤައްހާރުވަންތަ އިލާހެވެ. އަދި ﷲ ފިޔަވައި (އަޅުކަން ޙައްޤުވާ) އެއްވެސް އިލާހަކު ނުވާކަމަށް އަޅުހެކިވައެވެ. އެ އިލާހީ އެއްކައުވަންތަ ޝަރީކަކު ނުވާ އިލާހެވެ. އުޑުތަކާއި ބިމާއި އެ ދެމެދުގައިވާހައި އެއްޗެއްގެ ވެރި ރައްބެވެ. މަތިވެރިވަންތަ ގިނަގިނައިން ފާފަ ފުއްސަވާ އިލާހެވެ. ޚިޔާރު ކުރައްވާފައިވާ ނަބިއްޔާއަށާއި، އެ ނަބިއްޔާގެ ތާހިރު އާލުންނާއި އަޞްޙާބުންނަށް ﷲ ޞަލަވާތް ލައްވާށިއެވެ. އެއަށްފަހު ދަންނާށެވެ.

ފަހެ ހަމަކަށަވަރުން އަޅުގަނޑުގެ ބައެއް އަޚުން ވަނީ، ދެ އިމާމުން އިއްތިފާޤުވެފައިވާ ގޮތުގެ މަތިން، ޙުކުމްތަކާ ގުޅޭ ޙަދީޘްތައް ޚުލާޞާކޮށް އެއްކުރަން އަޅުގަނޑު ގާތު އެދިފައެވެ. އެ ދެ އިމާމުންނަކީ، އަބޫ ޢަބްދު ﷲ މުޙައްމަދު ބިން އިސްމާޢީލު ބިން އިބްރާހީމް އަލްބުޚާރީއާއި، އަބުލް ޙުސައިން މުސްލިމު ބިން އަލްޙައްޖާޖު އަލްޤުޝައިރީ އައްނައިސާބޫރީއެވެ. ވީމާ ފައިދާ ކުރާނެކަމަށް އުންމީދުކޮށް އެކަމަށް އަޅުގަނޑު ޖަވާބު ދިނީމެވެ.

މި ފޮތުގެ ސަބަބުން ﷲ އަޅުގަނޑުމެންނަށް ފައިދާ ކުރައްވާނެކަމަށް އެ އިލާހުގެ ޙަޟްރަތުގައި އެދި ދަންނަވަމެވެ. އަދި ހަމަ އެހެންމެ މި ފޮތް ލިޔުއްވި، އަޑުއެއްސެވި، ކިޔުއްވި، ހިތުދަސްކުރެއްވި، އަދި މި ފޮތަށް ބަލައިލެއްވި ބަޔަކަށް ވެސް ފައިދާ ކުރައްވާނެކަމަށް އެދި ދަންނަވަމެވެ. އަދި މިއީ ﷲ ގެ މާތް ވަޖުހުފުޅު އަދައިގެން އިޚްލާޞްތެރިކަމާއެކު ކުރެއްވި، އެ އިލާހުގެ ޙަޟްރަތުގައި ކާމިޔާބު ހާސިލުކޮށްދޭނެ ކަމެއް ކަމުގައި ލެއްވުން އެދި ދުޢާ ކުރަމެވެ. ހަމަކަށަވަރުން އަޅަމެންނަށް ﷲ ފުދެއެވެ. އަދި ވަކީލު ކުރެވޭ ފަރާތުގެ މޮޅުކަމާއެވެ.


މަރުޖިއުތައް

ޝަރަހަތައް

• عمدة الأحكام من كلام خير الأنام صلى الله عليه وسلم، للإمام الحافظ عبد الغني المقدسي 541 - 600هـ. بتحقيق محمود الأرناؤوط. دار الثقافة العربية - مؤسسة قرطبة، الطبعة الثانية 1408هـ - 1988م.

• عمدة الأحكام في معالم الحلال والحرام عن خير الأنام محمد عليه الصلاة والسلام مما اتفق عليه الشيخان البخاري ومسلم، للإمام الحافظ عبد الغني بن عبد الواحد المقدسي 600هـ. بتحقيق نظر محمد الفريابي. دار الفاريابي، الطبعة السابعة 1431هـ - 2010م.

• تيسير العلام شرح عمدة الأحكام، لعبد الله بن عبد الرحمن بن صالح آل بسام.

• إحكام الإحكام شرح عمدة الأحكام، للإمام تقي الدين ابن دقيق العيد.

• تنبيه الأفهام شرح عمدة الأحكام، لمحمد بن صالح العثيمين.

• شرح كتاب عمدة الأحكام من كلام خير الأنام، لعبد الكريم الخضير.

• فتح الباري شرح صحيح البخاري، لأحمد بن علي بن حجر العسقلاني الشافعي.

• فتح الباري شرح صحيح البخاري، لزين الدين عبد الرحمن بن أحمد بن رجب الحنبلي.

• عمدة القاري شرح صحيح البخاري، لمحمود بن أحمد بدر الدين العينى.

• إرشاد الساري لشرح صحيح البخاري، لشهاب الدين أحمد بن محمد القسطلاني.

• المنهاج شرح صحيح مسلم بن الحجاج، لمحيي الدين يحيى بن شرف النووي.

• سير أعلام النبلاء، للحافظ شمس الدين الذهبي.

• قاموس المالديفي، للأكاديمية اللغة المالديفية.

• ترجمة القرآن الكريم باللغة المالديفية.